މިއަދު ވާ ގުރުބާނީއަކީ ކުރިމަގަށް އުޖާލާކުރުމަށް ހުޅުވޭ ދޮރެއް ކަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ނައިބު ރައީސް (ގޮފިތައް) ޖައިޝް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގޮފިތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝް ވިދާޅުވީ، ކިޔެވުމާއި އެއްވަރަށް އިތުރު ހަރަކާތްތަކުގައި ޝާމިލުވެ އުޅުމަކީ ކުރިމަގުގައި އެކަމުގެ ސަބަބުން އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމުގައެވެ. އަދި މިއަދު މަގާމުތަކާއި ހަވާލުވި ދަރިވަރުން، މި އަހަރު އެތައް ކަމެއް ގުރުބާނީ ކުރަން ޖެހޭނެ ކަމަށް ޖައިޝް ވިދާޅުވިއެވެ. އެކަމަކު އެ ގުރުބާނީއިން ހުޅުވިގެންދާނީ ކުރިމަގު އުޖާލާކުރުމަށް ދޮރެއް ކަމުގައި ޖައިޝް ވިދާޅުވިއެވެ.
ޖައިޝް ވިދާޅުވީ ގޮފިތަކުގައި މަގާމު ފުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެކަން މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ކަމަށެވެ. އަދި މަގާމާއެކު ބޮލުގައި އެޅިގެންދިޔަ މަސްއޫލިއްޔަތު ހަނދާނުގައި ބެހެއްޓުމަށް ޖައިޝް ވަނީ ނަސޭހަތްތެރިވެފައެވެ.
ޖައިޝް ވިދާޅުވީ، އެމް.އެން.ޔޫ.އެސް.ޔޫ އިން އަބަދުވެސް ދަރިވަރުންގެ ކަންކަމުގައި އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށެވެ. އަދި ގޮފިތަކުގެ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްކޮށްދޭން ތައްޔާރަށް ހުރި ކަމަށްވެސް ވިދާޅުވިއެވެ.
ގޮފިތަކުން މިއަދު އަޒުމު ކަނޑައަޅަންވީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެމް.އެން.ޔޫ.އެސް.ޔޫ އާއި ގުޅިގެން ހައްލު ހޯދުމަށް ކަމަށާއި، މީގެ އިތުރުން ބިނާކުރަނިވި، ހަރަކާތްތަކެއް މިއަހަރު ގޮފިތަކުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖައިޝް ވިދާޅުވިއެވެ.
ހުކުރު ދުވަހުގެރޭ މާލޭ 10 ފެކަލްޓީގެ ގޮފިތައް އިފްތިތާހުކުރެވިގެންދިޔައިރު، އަތޮޅުތެރޭ ހަތަރު ކެމްޕަހުގެ ގޮފިތައް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ޖައިޝް ފާހަގަކުރެއްވިއެވެ.





