ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން، ’ޝީ’ގެ ފަރާތުން ކުރިޔަށް ގެންދިޔަ ”އަންބަލަން 2023“ ގައި މެޑިކޯސްގެ ފަރާތުން ދަރިވަރުން ބައިވެރިވެއްޖެއެވެ. މިހަރަކާތަކީ ޝީގެ ފަރާތުން ފަންޑްރެއިސިންގ އިވެންޓެއްގެ ގޮތުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މެޑިކޯސްގެ ފަރާތުން ދަރިވަރުން ވަނީ، ހެލްތް ސްކްރީނިންގ ސްޓޯލްގައި ހަރަކާތްތެރިވެފައެވެ.
މި ސްޓޯލްގެ ތެރެއިން ބައިވެރިންގެ ލޭގައި ހަކުރު ހުރި މިންވަރާއި، ލޭގެ ޕްރެޝަރ އަދި އިސްކޮޅާއި ބަރުދަން ބެލުން ކުރިޔަށް ގެންގޮސްފައި ވެއެވެ. އަދި ހަމައެހެންމެ ސިއްހީ މައުލޫމާތު ދިނުން ވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މިގޮތުން މިހަރަކާތްތަކުގެ ތެރެއިން 48 އަންހެނުންނާއި 53 ފިރިހެނުން ހިމެނޭހެން، ޖުމްލަ 104 މީހުން ވަނީ ސްކްރީންކޮށްފައެވެ.
މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހުގެ 1600 އިން 2200 އަށް، ރަސްފަންނު ސަރަހައްދުގައެވެ. މިހަރަކާތުގައި ކާބޯތަކެތި، އަންނައުނު އަދި ހިފާގެންގުޅޭ ތަކެތި ވިއްކުމުގެ ސްޓޯލްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.
މެޑިކޯސްއިން ދަނީ މިފަދަ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވަމުންނެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަށް ސިއްހީ ދާއިރާއިން އިތުރު ތަޖުރިބާތަކާއި ހުނަރުތައް ހޯދުމުގެ މަގު ފަހިކޮށްދިނުމެެވެ.
މިހަރަކާތުގައި މެޑިކޯސްގެ ދަރިވަރުން ދެއްކި ކެރުންތެރިކަމާއި ހުނަރުވެރިކަމަށް، ’ޝީ‘ ގެ ފަރާތުން ވަނީ ތަޢުރީފުކޮށްފައެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިފަދަ ހަރަކާތްތަކެއް މެޑިކޯސްއާއި އެކު ކުރިޔަށް ގެންދިޔުމަށް ’ޝީ‘ ގެ ފަރާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.





