މެޑިކޯސްއިން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ބްލަޑް ޑްރައިވް ތަކުގެ ތެރެއިން 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ބްލަޑް ޑްރައިވް، ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މެޑިކޯސްއިން ކުރިޔަށް ގެންދާ މިހަރަކާތަކީ 2022 ވަނަ އަހަރުގެ ތެރޭގައި ފެށުނު ހަރަކާތެކެވެ. ރާއްޖެއަކީ ތެލެސީމިއާ ކުދިންގެ އަދަދު ނިސްބަތުން ގިނަ ގައުމެކެވެ. އަދި ލޭ ހަދިޔާ ކުރާ މީހުންނަށް ނުހަނު ބޭނުން ޖެހިފައިވާ ގައުމަކަށް ރާއްޖެ ވާއިރު، ސިއްޙީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންތަކެއްގެ ހައިސިއްޔަތުން، ވަރަށް ގިނަ އަދަދެއްގެ ތެލެސީމިއާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ.
މިފަހަރުގެ ބްލަޑް ޑްރައިވް ވެސް ބާއްވާފައިވަނީ އެހެން ފަހަރުތަކެކޭ އެއް ފަދައިން، މޯލްޑިވިއަން ބްލަޑް ސާވިސްގައެވެ. މިކަމަށްޓަކާ އެމް.ބީ.އެސް ގެ ފަރާތުން ދަނީ ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިފަހަރުގެ ބްލަޑް ޑްރައިވް ވެސް ކުރިޔަށް ގެންގޮސްފައިވަނީ އެމް.އެން.ޔޫ ގެ ހުރިހާ ފެކަލްޓީއެއްގެ ދަރިވަރުންނަށާއި، މުވައްޒަފުންނަށް ހުޅުވާލައިގެންނެވެ.
މިއަދު މެންދުރު ފަހު 13:00 އިން 16:30 އަށް ކުރިޔަށް ދިޔަ މި ހަރަކާތަށް 20 ދަރިވަރަކު ވަނީ ހާޒިރުވެފައެވެ. އޭގެ ތެރޭގައި، ފެކަލްޓީ އޮފް ހެލްތް ސައިންސާއި، ސްކޫލް އޮފް ނާރސިންގ އާއި، ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ހިމެނެއެވެ.
މިހަރަކާތުގެ ތެރެއިން ޖުމްލަ 3500މލ ގެ ލޭ ވަނީ ހަދިޔާ ކުރެވިފައެވެ. މެޑިކޯސްގެ އަމާޒަކީ، މިއަހަރުގެ އެހެން ކުއާޓާ ތަކުގެ ބްލަޑް ޑްރައިވް، މިހާރަށް ވުރެން ފުޅާކޮށް، ބޮޑު އާބާދީއަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމެވެ.





