1444 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް މެޑިކޯސް އިން ބާއްވާ ”މެޑިކޯސް ރަމަޟާން ސުވާލު މުބާރާތް 1444“ ފަށައިފިއެވެ.
މިމުބާރާތަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ، ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވޭ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފެކަލްޓީގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސްކޫލް އޮފް މެޑިސިންގެ ހުރިހާ ދަރިވަރުން ހިމެނޭހެން ހެދިފައިވާ ޓެލެގްރާމް ގްރޫޕެއް ކަމަށްވާ، ”މެޑިކޯސް އެކްސްޓެންޑެޑް“ ގްރޫޕުގައެވެ.
މިގޮތުން ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް މި ގްރޫޕަށް، ’ޕޯލް‘ އެއްގެ ޒަރިއްޔާއިން ސުވާލެއް ފޮނުވޭނެއެވެ. މިސުވާލަށް އެއްވެސް ކުއްޖަކު ދޭ ޖަވާބެއް، އަނެއް ކުއްޖަކަށް ނުފެންނާނެއެވެ. ޖަވާބުތައް ފެންނާނީ ޕޯލް ބަންދުކުރުމަށް ފަހުގައެވެ. ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދިނުމުގެ ފުރުސަތު، އެރެއްގެ 00:00 އާ ހަމަޔަށް އޮންނާނެއެވެ.
މިމުބާރާތުގައި ކޮންމެ 10 ދުވަހަކުން، އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބުދޭ ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ދެ ދަރިވަރެއްގެ ސްކޯ ހަމަހަމަވެއްޖެނަމަ، ވަނަ ހޮވާނީ ގުރުއަތަކުންނެވެ. މީގެ އިތުރުން މުޅި ރަމަޟާން މަހުގެ ތެރޭގައި އެންމެ ގިނަ ރަނގަޅު ޖަވާބުދޭ ދަރިވަރަކު ހޮވާ އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއީ މެޑިކޯސް އިން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު ބޭއްވުނު މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.





