ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ބާއްވާ ދީނީ ސުވާލު މުބާރާތް މިއަހަރުވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މި އަހަރުގެ ދީނީ ސުވާލު މުބާރާތުގައި ކޮންމެ ހަފްތާއަކު ތިން ސުވާލު އާންމުންނަށް ހުޅުވާލައިގެން ޝާއިއު ކުރާނެއެވެ. އެގޮތުން މި ތިން ސުވާލު އެމް.އެން.ޔޫ.އެސް.ޔޫގެ ފޭސްބުކް ޕޭޖުގައި ޝާއިއު ކުރާނީ ހުކުރު ދުވަހުއެވެ.
ފޭސްބުކްގައި ޝާއިޢު ކުރާ ސުވާލުތަކަށް ޖަވާބު ދޭން ޖެހޭނީ ކޮމެންޓް ސެކްޝަނުގައެވެ. އެގޮތުން އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތަކީ ސިލްސިލާ ގޮތެއްގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން މީގެ ކުރިން މި މުބާރާތުގެ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އިނާމުތަކެއް ވަނީ ދީފައެވެ. އެގޮތުން މައިކްރޯވޭވް އަވަން ފަދަ ބަދިގޭގައި ގެންގުޅޭ ސާމާނު ވަނީ ދީފައެވެ.





