އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023 ގައި ސްކޫލް އޮފް މެޑިސިން އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ މައްޗަށް ކުރިހޯދައިފިއެވެ.
އެޕްރީލް 6 ވަނަ ދުވަހުގެރޭ ކުޅުނު މި ޓައިގެ އަންހެން ޑަބަލްސް މެޗު އެސް.އެމް އިން ކާމިޔާބު ކުރީ 15-06 އަދި 15-04ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި އެސް.އެމް އިން ކުޅެން އެރީ ސާޖިޔާ ޢަލީ އަދި ޢާއިޝަތު ޒީނާ ޢަބްދުލް ޖަލީލުގެ ޕެއާ ކަަމަށްވާއިރު އެފް.އެޗް.ޓީ.އެސް އިން ކުޅެފައިވަނީ ޢާއިޝަތު އުލްފާ މުޙައްމަދު އަދި މަރިޔަމް މަލްހާ މާޖިދުގެ ޕެއާ އެވެ.
މި ޓައިގެ ފިރިހެން ސިންގަލްސްގެ މެޗު އެސް.އެމްގެ ޙުސައިން ޢައްޒާމް ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު އެފް.އެޗް.ޓީ.އެސްގެ ނާހީ ވަހީދު 15-08ން ކާމިޔާބުކޮށްފައި ވަނިކޮށް ޢައްޒާމް ވަނީ ފަހަތުން އަރާ އަނެއް ދެ ސެޓު 15-09 އަދި 15-06 ން ކާމިޔާބުކޮށްފައެވެ.
ފިރިހެން ޑަބަލްސްގެ މެޗު ކާމިޔާބުކޮށްފައިވަނީ އެފް.އެޗް.ޓީ.އެސް އިންނެވެ. މި މެޗު އެ ޓީމުގެ އަޙްމަދު ޢަބްދުއްރަޝީދު އަދި މުޙައްމަދު އުލްވާން ކާމިޔާބުކުރީ 15-09 އަދި 15-08 ންނެވެ. މި މެޗުގައި އެސް.އެމް އިން ކުޅުނީ އަޙްމަދު ޔަޒްދާން އަދި ސައިފު ﷲ މުސްލިމްގެ ޕެއާ އެވެ.
މި ޓައިގެ އަންހެން ސިންގަލްސް އަށް އެފް.އެޗް.ޓީ.އެސްގެ ކުޅުންތެރިޔާ ހާޒިރުވެފައި ނުވާތީ އެސް.އެމްގެ ނަދާ ޙުސައިން އަށް މި މެޗު ވަނީ ލިބިފައެވެ.
މިކްސްޑް ޑަބަލްސްގެ މެޗު ކާމިޔާބު ކުރި އެސް.އެމްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ 15-14 އަދި 15-09 ންނެވެ. މި މެޗުގައި އެސް.އެމް އިން ކުޅުނީ މުޙައްމަދު ރާއިފް ޢީސާ އަދި މަރިޔަމް ނަސްމާ ކަމަށްވާއިރު، އެފް.އެޗް.ޓީ.އެސް އިން ކުޅުނީ ދައިސަމް ޢަލީ އަދި ޢާއިޝަތު ޒާޝާ ޝާފީގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






