އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކުޅުނު ތިންވަނަ މެޗުގައި ސްކޫލް އޮފް ނާރސިންގ (އެސް.އެން) ބަލިކޮށް ސެމީ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.
ހޮނިހިރުދުވަހު ހަވީރު ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމު ކާމިޔާބު ކުރީ އެސް.އެން ކަމަށްވީ ނަމަވެސް ބާކީ 4 ގޭމު ކާމިޔާބުކޮށްފައިވަނީ އެފް.އީ އިންނެވެ. އަންހެން ޑަބަލްސްގައި އެފް.އީ އިން ކުޅެން ނިކުތް ފާތިމަތު ރާޔާ ޝާހިދާއި ދަޔާނާ ހަސަންގެ ޕެއާގެ މައްޗަށް އެސް.އެންގެ ޢާއިޝަތު ޖިހާން ޙަސަން އަދި ފާޠިމަތު ލުހާ އަރީފް ކުރިހޯދީ 15-6 އަދި 15-9 ން ސެޓުތައް ގެންގޮސްގެންނެވެ.
ފިރިހެން ސިންގަލްސް ގައި އެފް.އީގެ އަހުމަދު އަލީ ގޭމު ކާމިޔާބުކުރީ ފަސޭހަކަމާއެކު 15-1 އަދި 15-2 ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެސް.އެން އިން ކުޅުނީ މުޙައްމަދު ސިނާނެވެ.
ފިރިހެން ޑަބަލްސް މެޗު އެފް.އީ އިން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު 15-9ން ކާމިޔާބުކުރީ އެފް.އީގެ ޙުސައިން ލަޔާން އަދި ރުބެން ސިންގގެ ޕެއާ އެވެ. ދެވަނަ ސެޓު އެސް.އެންގެ އިބްރާހީމް ވިޝާހު އަދި އަލްވިން ލަތީފް 15-14ން ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު އެފް.އީ އިން ކާމިޔާބުކުރީ 15-8ންނެވެ.
މި މެޗުގެ 4 ވަނަ ގޭމުގައި އަންހެން ސިންގަލްސް އިން އެފް.އީގެ މަރިޔަމް ނަބާހާ ނަސީމް ގޭމު ކާމިޔާބުކުރީ ފަސޭހަކަމާއެކު 15-2 އަދި 15-3 ންނެވެ. މި ގޭމުގައި އެސް.އެން އިން ކުޅުނީ ޒުހުދާ މުޙައްމަދެވެ.
މެޗުގެ ފަހު ގޭމުކަމަށްވާ މިކްސްޑް ޑަބަލްސްގައި އެފް.އީ އިން ކުޅެން އެރީ މުޙައްމަދު އަސްލަހު އަޝްރަފް އަދި ޢާއިޝަތު ޝަދާ ޢަބްދުލްޣަނީ އެވެ. މި ގޭމު އެ ޕެއާ އިން ކާމިޔާބުކުރީ 15-4 އަދި 15-5 ން ސެޓުތައް ގެންގޮސްގެންނެވެ. އެސް.އެން އިން މި ގޭމުގައި ކުޅުނީ މުޙައްމަދު ރަޝީދު އަދި ޢާއިޝަތު ޝިރާ ޙަސަންގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






