އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ މައްޗަށް ކުރިހޯދާ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ހޮނިހިރުދުވަހުގެ ރޭ ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމުގައި އެފް.އެޗް.ޓީ.އެސް އިން ކުޅެން އެރީ ޢާއިޝަތު އުލްފާ މުޙައްމަދު އަދި ޢާއިޝަތު ޒުހާ ފަހުމީގެ ޕެއާ އެވެ. މި ގޭމު 15-8 އަދި 15-10ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފް.އެސް.އެލްގެ ޕެއާ މާރިޔަތު އުނޫޝާ އަދި ފާޠިމަތު ޝަފާ އެވެ.
ފުރަތަމަ ގޭމު އެފް.އެސް.އެލް އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ތިން ގޭމު ގެންދިޔައީ އެފް.އެޗް.ޓީ.އެސް އިންނެވެ. މިގޮތުން ފިރިހެން ސިންގަލްސްގައި 15-13 އިން ފުރަތަމަ ސެޓު އެފް.އެސް.އެލްގެ މުޙައްމަދު އިރުހާޝް ގެންގޮސްފައި ވަނިކޮށް، އެފް.އެޗް.ޓީ.އެސްގެ ނާހީ ވަހީދު ވަނީ ދެން ކުޅެވުނު ދެ ސެޓު 15-2 އަދި 15-7 އިން ކާމިޔާބުކޮށްފައެވެ.
ފިރިހެން ޑަބަލްސް ގޭމު އެފް.އެޗް.ޓީ.އެސް އިން ކާމިޔާބު ކުރީ 15-5 އަދި 15-13 އިން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެފް.އެޗް.ޓީ.އެސް އިން ކުޅެން އެރީ މުޙައްމަދު އުލްވާން އަދި އަޙްމަދު ޢަބްދުއްރަޝީދުގެ ޕެއާ އެވެ. އަދި އެފް.އެސް.އެލް އިން ކުޅުނީ އަލްޠާފް ރަޝީދު އަދި އަލީ މައިސާންގެ ޕެއާ އެވެ.
އަންހެން ސިންގަލްސް ގޭމުން އެފް.އެޗް.ޓީ.އެސްގެ ފާޠިމަތު ހަޔާމް އިބްރާހީމް ސަޢީދު މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މި ގޭމުގެ ފުރަތަމަ ސެޓު ހަޔާމް ކާމިޔާބު ކުރީ 15-9ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓު ގެންދިޔައީ 15-12ގެ ނަތީޖާއަކުން އެފް.އެސް.އެލްގެ ޢާއިޝަތު ހައިފާ ފައިސަލް އެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ހަޔާމް ކާމިޔާބު ކުރީ 15-12ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ މިކްސްޑް ޑަބަލްސް ގޭމު ކާމިޔާބު ކުރީ އެފް.އެސް.އެލް އިން ކުޅެން ނުކުތް ޢާއިޝަތު ޝާލިޔާ އަދި އަންސަދު ޙަސަންގެ ޕެއާ އިންނެވެ. މި ގޭމު އެ ޕެއާ އިން ގެންދިޔައީ 15-13 އަދި 15-10ން ސެޓުތައް ކާމިޔާބުކޮށްގެންނެވެ. މި ގޭމުގައި އެފް.އެޗް.ޓީ.އެސް އިން ކުޅުނީ ދައިސަމް ޢަލީ އަދި ޢާއިޝާތު ޒާޝާ ޝާފީގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






