އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގެ މައްޗަށް ކުރިހޯދައިފިއެވެ.
ހޮނިހިރުދުވަހުގެރޭ ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމު ސީ.އެފް.އެސްގެ ނުސްރާ ސަޢީދު އަދި ފާޠިމަތު ރީމްގެ ޕެއާ އިން ކާމިޔާބުކުރީ 15-12ގެ ނަތީޖާއަކުން ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. މި ގޭމުގައި އެފް.އެޗް.އެސް އިން ކުޅުނީ ޢާއިޝަތު އުލްޔާ ވަޙީދު އަދި ޢާއިޝަތު ނައިޚާގެ ޕެއާ އެވެ.
މި މެޗުގެ ފިރިހެން ސިންގަލްސްގައި ސީ.އެފް.އެސްގެ ޒައިން ޢަބްދުﷲ ޖަމީލް ވަނީ 15-3 އަދި 15-1ގެ ނަތީޖާއަކުން އެފް.އެޗް.އެސްގެ މުޙައްމަދު ޖުމާން އަޙްމަދުގެ މައްޗަށް ކުރިހޯދައިފައެވެ.
ފިރިހެން ޑަބަލްސް ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ މުޙައްމަދު އަނޫފް އިބްރާހީމް އަދި އަލީ ނަވީހުގެ ޕެއާ އެވެ. މި ޕެއާ އިން މެޗު ކާމިޔާބުކުރީ 15-14 އަދި 15-13ގެ ނަތީޖާއަކުންނެވެ. އެފް.އެޗް.އެސް އިން މި ގޭމުގައި ކުޅުނީ އިސްމާޢީލް ޖަޒްލާން އަދި މުޙައްމަދު ސާހިލް ޢަލީ އެވެ.
މި މެޗުގެ އަންހެން ސިންގަލްސް ގޭމު ސީ.އެފް.އެސްގެ ޢާއިޝަތު މާހާ ނަސީމް ކާމިޔާބު ކުރީ 15-13 އަދި 15-8ގެ ނަތީޖާއަކުންނެވެ. މި ގޭމުގައި އެފް.އެޗް.އެސް އިން ކުޅުނީ ފާޠިމަތު ޒިޔާނެވެ.
މެޗުގެ ފަހު ގޭމު، މިކްސްޑް ޑަބްލްސް އިން މޮޅުވީ އެފް.އެޗް.އެސްގެ ޕެއާ ހުމައިދު ހަސަން އަދި ފާޠިމަތު އީހާމް ހުސައިން އެވެ. މި ޕެއާ އިން ގޭމު ކާމިޔާބު ކުރީ 15-8 އަދި 15-10ގެ ނަތީޖާއަކުންނެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ނަދާ އިސްމާޢީލް އަދި ވިޝާހު އަހުމަދެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






