އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023ގައި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) ބަލިކޮށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގެ އަންހެން ޑަބަލްސް ގޭމުގައި އެފް.އީ އިން ކުޅެން ނިކުތީ ފާޠިމަތު ރާޔާ ޝާހިދު އަދި ދަޔާނާ ޙަސަންގެ ޕެއާ އެވެ. މި ޕެއާ މި ގޭމުގެ ދެ ސެޓު ކާމިޔާބު ކުރީ 15-10ގެ ނަތީޖާ އަކުންނެވެ. މި ގޭމުގައި ފެސްޓުން ކުޅުނީ މަރިޔަމް ރިޝްމީ ޢަލީ އަދި ޢާއިޝަތު އަނާ އިބްރާހީމްގެ ޕެއާ އެވެ.
މެޗުގެ ފިރިހެން ސިންގަލްސް ގޭމު އެފް.އީގެ ރުބެން ސިންގު ކާމިޔާބު ކުރީ 15-2 އަދި 15-9ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި ފެސްޓުން ކުޅުނީ ޝަފާޒް ނަޖީބެވެ.
ފިރިހެން ޑަބަލްސް ގޭމު އެފް.އީގެ އަޙްމަދު އަލީ އަދި މުޙައްމަދު ސާއިހު އަޙްމަދު ޝިހާމްގެ ޕެއާ އިން ކާމިޔާބުކުރީ 15-10 އަދި 15-5ގެ ނަތީޖާއަކުންނެވެ. މި ގޭމުގައި ފެސްޓުން ކުޅުނީ އާސިރު ޢަބްދުއްޞަމަދު އަދި ޙަސަން ޝާން މުޙައްމަދުގެ ޕެއާ އެވެ.
މެޗުގެ އަންހެން ސިންގަލްސް ގޭމު އެފް.އީގެ މަރިޔަމް ނަބާހާ ނަސީމް ކާމިޔާބުކުރީ 15-1 އަދި 15-5ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ. ފެސްޓުން ކުޅެފައިވަނީ ޢާއިޝަތު ރަނާ އެވެ.
މެޗުގެ ފަހު ގޭމު މިކްސްޑް ޑަބަލްސްގައި އެފް.އީ އިން ކުޅުނީ ޢާއިޝަތު ޝަދާ ޢަބްދުލްޣަނީ އަދި މުޙައްމަދު އަސްލަހު އަޝްރަފުގެ ޕެއާ އެވެ. މި ގޭމު އެފް.އީ އިން ގެންދިޔައީ 15-5ގެ ނަތީޖާއަކުން ދެ ސެޓުވެސް ގެންގޮސްގެންނެވެ. މި ގޭމުގައި ފެސްޓުން ކުޅުނީ އިބްރާހީމް ފައިރޫޝް ފައިޞަލް އަދި މަރިޔަމް އިއުފާ ނަޖީބެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






