އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023 ދެވަނަަ ސެމީ ފައިނަލު މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) 3-2ން ބަލިކޮށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) ފައިނަލަށް ދަތުރުކޮށްފިއެވެ..
މި މެޗުގެ އަންހެން ޑަބަލްސް ގޭމު 15-3 އަދި 15-8ން ސެޓުތައް ގެންގޮސް ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސްގެ މަރިޔަމް ޝަފާ ފާއިޒު އަދި މަރިޔަމް ނިހާގެ ޕެއާ އެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ނުސްރާ ސަޢީދު އަދި ފާޠިމަތު ރީމްގެ ޕެއާ އެވެ.
ފުރަތަމަ ގޭމު އެމް.އެން.ޔޫ.ބީ.އެސް އިން ގެންގޮސްފައިވަނިކޮށް ދެން ކުޅުނު ދެ ގޭމު ގެންގޮސް ސީ.އެފް.އެސް އިން ވަނީ މެޗުގައި ލީޑު ނަގާފައެވެ. މިގޮތުން ފިރިހެން ސިންގަލްސް ގޭމު ސީ.އެފް.އެސްގެ ޒައިން ޢަބްދުﷲ ޖަމީލު ކާމިޔާބުކުރީ 15-4 އަދި 15-5 ން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅުނީ ޝައިހާން ޢަބްދުﷲ އެވެ.
ފިރިހެން ޑަބަލްސް ގޭމު ސީ.އެފް.އެސްގެ ޢަލީ ނަވީހު އަދި މުޙައްމަދު އަނޫފް އިބްރާހީމްގެ ޕެއާ އިން ގެންދިޔައީ 15-8 އަދި 15-5ގެ ނަތީޖާއަކުން ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅުނީ އަޙްމަދު ސަމީހު އަދި މުޙައްމަދު ނާފު ޢަބްދުﷲ ނަޢީމްގެ ޕެއާ އެވެ.
މެޗުގެ ލީޑު ސީ.އެފް.އެސް އިން ނަގާފައިވަނިކޮށް، އެމް.އެން.ޔޫ.ބީ.އެސް އަށް ނަތީޖާ ހަމަހަމަކޮށްދިނީ އަންހެން ސިންގަލްސް ގޭމު އެ ޓީމުގެ ފިރުޝާނާ ނަސީރު ކާމިޔާބުކޮށްގެންނެވެ. ފިރުޝާނާ މި ގޭމު ގެންދިޔައީ 15-1 އަދި 15-2ން ފަސޭހަކަމާއެކު ސެޓުތައް ގެންގޮސްގެންނެވެ. މި ގޭމުގައި ސީ.އެފް.އެސް އިން ކުޅުނީ ޢާއިޝަތު ރަނާ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު މިކްސްޑް ޑަބަލްސްގެ ގޭމުގެ ފުރަތަމަ ސެޓު ސީ.އެފް.އެސްގެ ވިޝާހު އަޙްމަދު އަދި ޢާއިޝަތު މާހާ ނަސީމު ގެންދިޔައީ ފޯރިގަދަ ކުޅުމަކަށްފަހު 15-14 އިންނެވެ. މި ގޭމުގެ ދެވަނަ ސެޓު 15-9ން ގެންދިޔައީ އެމް.އެން.ޔޫ.ބީ.އެސްގެ އަޙްމަދު ސާޖިދު އަދި ފާޠިމަތު ހަޔާއުގެ ޕެއާ އިންނެވެ. މި ގޭމުގެ އަދި މުޅި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުން ސީ.އެފް.އެސް އިން މޮޅުވީ 15-12 ންނެވެ.
މުބާރާތުގެ ފައިނަލު މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ. މި މެޗުގައި ސީ.އެފް.އެސް ބައްދަލުކުރާނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






