ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ (އެސް.އެސް.އެލް)އާ ގުޅިގެން ބޭއްވި 10 ވަނަ ”އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް 1444″ގެ އެންމެ މޮޅު ފެކަލްޓީ އަކަށް ފެކަލްޓީ އޮފް އެޑިއުކޭޝަން ހޮވިއްޖެއެވެ.
މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ދިޔަ މި މުބާރާތުގެ ދެވަނަ އަށް އެންމެ މޮޅު ފެކަލްޓީ އަކީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ކަމަށްވާއިރު ތިންވަނަ އަށް ހޮވުނީ ސްކޫލް އޮފް މެޑިސިން އެވެ.
މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ އަކީ ސްކޫލް އޮފް މެޑިސިންގެ މުޙައްމަދު އަޔާޝް ޢަލީ އެވެ. ދެވަނަ އަލީ ސްކޫލް އޮފް މެޑިސިންގެ އަޒްލީލާ އިބްރާހީމް ރަޝީދުކަމަށްވާއިރު، ތިންވަނަ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޙުސައިން ޝިފާއު އެވެ.
މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަކީ ސްކޫލް އޮފް މެޑިސިންގެ ފާޠިމަތު ޝައުރާ މުޙައްމަދު ޝަފީގެވެ. ދެވަނަ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސަމްޙާ ޢަލީ ރިޒާ ކަމަށްވާއިރު، ތިންވަނަ އަށް ދެ ދަރިވަރުން ހޮވިފައިވެއެވެ. އެއީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ލަސާން މުޙައްމަދާއި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އާމިނަތު ނަދާ އެވެ.


މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީ އާއި ހަނދާނީ ލިޔުންދީފައިވަނީ 1444 ވަނަ އަހަރު ރަމަޟާންމަހު ޔޫނިއަން އާއި ބައެއް ގޮފިތަކުން ގުޅިގެން ހިންގި ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ. ޤުރްއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދިނީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
1444 ވަނަ އަހަރުގެ ރަމަޟާންމަހު ދަރިވަރުންގެ ޔޫނިއަން އިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާފައެވެ. މިގޮތުން، އެމް.އެން.ޔޫ.އެސް.ޔޫ ދީނީ ސުވާލު މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރްއާން މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ މުބާރާތް، އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ އިތުރުން މުޅީން އަލަށް ފެށި އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް ހިމެނެއެވެ.






