ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ދިހަވަނަ ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ/ސެންޓަރުތަކަށާއި މަތީ ސާނަވީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 2023 މެއި 02 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 02:00 އެވެ. ފޯމު ފުރުމަށްފަހު ޔޫނިއަންގެ މެއިލް (studentunion@mnu.edu.mv) އަށް ނުވަތަ ޔޫނިއަންގެ އޮފީހަށް ހުށަހެޅޭނެއެވެ. ފޯމު ލިބެން ހުންނާނީ މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުންނެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 08 ވަނަ ދުވަހުގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ.






