މިޝަން ފޯރ މައިގްރޭންޓް ވޯރކާސް، ’އެމް.އެމް.ޑަބްލިޔު.އެމް’ގެ ފަރާތުން މެޑިކޯސްގެ ދަރުމަވެރިންނަށް ޚާއްސަކޮށްގެން ވޯރކްޝޮޕެއް ބާއްވައިފިއެވެ. މި ވޯރކްޝޮޕް ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ, ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައެވެ.
މި ވޯރކްޝޮޕް ކުރިޔަށް ގެންގޮސްފައިވަނީ އެމް.އެމް.ޑަބްލިޔު.އެމްގެ ބާނީ، އަދި ރައީސް، ޑރ. މިނާހް ފާއިޒްއެވެ. މި ވޯރކްޝޮޕް ބޭއްވުނީ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން، އެމް.އެމް.ޑަބްލިޔު.އެމްގެ ވޮލަންޓިއަރުންގެ ޓީމުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މިގޮތުން މި ޓްރެއިނިންގ ޕްރޮގްރާމްގައި 50 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބިދޭސީ މަސައްކަތްތެރިންގެ މުޖުތަމަޢުގެ ތެރޭގައި، ދަރިވަރުންގެ ދައުރެއް އެބައޮތް ކަމާއި، އެ ދައުރަކީ ކޮބައިކަން ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެެ. އަދި ހަމައެއާއެކު ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ފުރުސަތުތަކާ ބެހޭގޮތުންވެސް ވަނީ ދަރިވަރުން ހޭލުންތެރި ކުރެވިފައެވެ. މީގެ އިތުރުންވެސް ބިދޭސީ މަސައްކަތްތެރިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ދަރިވަރުންގެ މެދުގައި ހަރަކާތްތަކެއްވެސް ކުރިޔަށް ގެންދެވިފައި ވެއެވެ.
މި ވޯރކްޝޮޕަކީ އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސްއާ ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިޔަށް ގެންދެވުނު ވޯރކްޝޮޕެކެވެ. އަދި ކުރިޔަށް އޮތްތާވެސް މިފަދަ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމިފައެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަަގްސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަަނަ އަހަރުގެ ތެރޭގައެވެ.





