ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023″ގެ ގުރުއަތުލުން ބާއްވައިފިއެވެ.
ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުދަދުވަހުގެރޭ އެމް.އެން.ޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ.
މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 8 ޓީމު ކަމަށްވާއިރު މި ޓީމުތައް ބަހާލެވިފައިވަނީ ދެ ގްރޫޕަކަށެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލަށް ދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް 1 ގައި ހިމެނެނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)، ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. އަދި ގްރޫޕް 2 ގައި ހިމެނެނީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ( އެފް.އެސް.އެލް)، ސްކޫލް އޮފް މެޑިސިން (އެސް.އެމް)، ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ.
މުބާރާތް ކުރިއަށް ދާނީ މި މަހުގެ 07 ން 14 އަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ.






