ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ މީޑިއާ ޓީމަށް މެންބަރުން ނެގުމަށް ބާއްވާ ތަމްރީނު ޕްރޮގްރާމް ބާއްވައިފިއެވެ.
މެއި 6 ވީ ހޮނިހިރުދުވަހުގެރޭ އެމް.އެން.ޔޫގައި ކުރިއަށްދިޔަ މި ޕްރޮގްރާމުގައި އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމުގައި ހުރި ފުރުސަތުތައް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމް ނަގައިދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު މުޙައްމަދު ޝާން ޢާމިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ޢަބްދުﷲ އަތޫފް އާތިފް އަދި އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމުގެ އިސް މެންބަރު މުޙައްމަދު ޝާތިއު އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގައި ތިން ޓީމެއް ހިމެނެއެވެ. އެއީ ނިއުސް ޓީމް، ސޯޝަލް ޓީމް އަދި ޓެކްނިކަލް ޓީމެވެ.
މިއީ އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އިން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި 11 ދަރިވަރުން ބައިވެރިވިއެވެ. މިއީ މިއަހަރު ބޭއްވުނު ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އަކީ 2018 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕްގެ ތެރެއިން އުފައްދާފައިވާ ގްރޫޕެކެވެ.






