”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023″ގެ ފުރަތަމަ ރޭގެ ބަހުސްތަކުން ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) މޮޅުވެއްޖެއެވެ.
މެއި 7 ވީ އާދީއްތަދުވަހުގެރޭ ފެށި ބަހުސް މުބާރާތުގެ ފުރަތަމަ ބަހުސްގައި ބައްދަލުކުރީ އެފް.އީ އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. މި ބަހުސް އެފް.އީ އިން ކާމިޔާބު ކުރީ 459 – 222ގެ ނަތީޖާ އަކުންނެވެ. މި ބަހުސްގެ މައުޟޫ އަކީ ”ޤާނޫނު ހެދުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތަޢުލީމީ ޝަރުޠު ކަނޑައަޅަން ޖެހެއެވެ.“ ކަމަށްވާއިރު މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ މައުޟޫއާ ދެކޮޅަށް ބަހުސްކުރި އެފް.އީ ޓީމުގެ މުޙައްމަދު ނާބިތު އަޙްމަދެވެ.
އެރޭ ކުރެވުނު ދެވަނަ ބަހުސް އެސް.އެމް އިން ކާމިޔާބުކުރީ ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އާ ބައްދަލުކޮށެވެ. މި ބަހުސްގެ މައުޟޫ އަކީ ”ދިވެހިބަހަށް ލޯބި ޖެއްސުމަށް ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ދިނުމަކީ ލާޒިމު ކަމެކެވެ.“ ކަމަށްވާއިރު މި ބަހުސް އެސް.އެމް އިން ކާމިޔާބު ކުރީ 611 – 387ގެ ނަތީޖާއަކުންނެވެ. މި ބަހުސްގައި އެސް.އެމް އިން ބަހުސް ކުރީ މައުޟޫއާ ދެކޮޅަށެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އެސް.އެމްގެ އަނޫފް ޢަބްދުﷲ އެވެ.
އެރޭގެ ތިންވަނަ ބަހުސްގައި އެމް.އެން.ޔޫ.ބީ.އެސް ބައްދަލުކުރީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާ ދެކޮޅަށެވެ. މި ބަހުސްގައި މައުޟޫއާ އެއްކޮޅަށް ބަހުސްކުރަމުން އެމް.އެން.ޔޫ.ބީ.އެސް އިން ބަހުސް ކާމިޔާބުކުރީ 507 – 479ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ މައުޟޫއަކީ ”ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނީ ފަރުދުންނަށެވެ.“ ކަމަށްވާއިރު މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ މުޙައްމަދު ހިޒްޔަމް ޙާމިދެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ.






