”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023″ގެ ދެވަނަ ރޭގެ ބަހުސްތަކުން ސްކޫލް އޮފް މެޑިސިން (އެސް.އެމް)، ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން) މޮޅުވެއްޖެއެވެ.
މެއި 8 ވީ ހޯމަދުވަހުގެރޭ ކުރި ފުރަތަމަ ބަހުސްގައި ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އަދި އެސް.އެމް އެވެ. މި ބަހުސް އެސް.އެމް އިން ކާމިޔާބުކުރީ 593 – 468ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެސް.އެމްގެ އަނޫފް ޢަބްދުﷲ ކަމަށްވާއިރު، މި ބަހުސްގެ މައުޟޫ އަކީ ”މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމަށް އަދަބުތައް ހަރުކަށިކުރަން ޖެހެއެވެ.“ އެވެ. މި ބަހުސްގައި އެސް.އެމް އިން ބަހުސްކުރީ މައުޟޫއާ ދެކޮޅަށެވެ.
އެރޭގެ ދެވަނަ ބަހުސް އެފް.އީ އިން ކާމިޔާބު ކުރީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)އާ ވާދަކޮށެވެ. މި ބަހުސްގެ މައުޟޫއާ ދެކޮޅަށް ބަހުސް ކުރަމުން އެފް.އީ އިން ބަހުސް ކާމިޔާބު ކުރީ 509 – 439ގެ ނަތީޖާ އަކުންނެވެ. މި ބަހުސްގެ މައުޟޫ އަކީ ”ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް އެންމެ މުހިންމީ ބަލިތަކާމެދު މީހުން ހޭލުންތެރި ކުރުވުމެވެ.“ ކަމަށްވާއިރު މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެފް.އީގެ ފާޠިމަތު އަހްލާ މޫސާ އެވެ.
އެރޭގެ ފަހު ބަހުސްގައި ބައްދަލުކުރީ އެސް.އެން އަދި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) އެވެ. މި ބަހުސް އެސް.އެން އިން ކާމިޔާބު ކުރީ 346 – 277ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ ބަހުސްގެ މައުޟޫއާ އެއްކޮޅަށް ބަހުސްކުރަމުންދިޔަ އެފް.އޭ ޓީމުގެ އާދަމް ޝާއިއު އެވެ. މި ބަހުސްގެ މައުޟޫ އަކީ ”ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ޙާޞިލުކުރުމަށް އެއްފަސްކުރުމުގެ ސިޔާސަތު އިޔާދަކުރަން ޖެހެއެވެ.“ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ.






