އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023ގެ ފައިނަލަށް ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ބަހުސްތައް ކުރީ މެއި 12ވީ ހުކުރުދުވަހުގެ ރެޔެވެ. ފުރަތަމަ ބަހުސްގައި އެސް.އެމް ބައްދަލުކުރީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާއެވެ. މި ބަހުސް އެސް.އެމް އިން ކާމިޔާބުކުރީ 674-521ގެ ނަތީޖާއަކުން ކަމަށްވާއިރު އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އެސް.އެމްގެ އަޙްމަދު ޝާބިން އެވެ. މި ބަހުސްގެ މައުޟޫ އަކީ ”ދިވެހިންނަކީ ޑިމޮކްރެސީގެ ނިޒާމަށް އަހުލުވެރި ބަޔެކެވެ.“ އެވެ. އެސް.އެމް އިން ބަހުސް ކުރީ މައުޟޫއާ އެއްކޮޅަށެވެ.
ދެވަނަ ސެމީ ފައިނަލުގައި އެފް.އެސް.އެލް ބައްދަލުކުރީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)އާއެވެ. މި ބަހުސް އެފް.އެސް.އެލް އިން ކާމިޔާބުކުރީ 635-526ގެ ނަތީޖާއަކުންނެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެފް.އެސް.އެލްގެ މުޙައްމަދު އައިޝް މުޞްޠަފާ އެވެ. ބަހުސްގެ މައުޟޫއަކީ ”ޗެޓް ޖީޕީޓީފަދަ ވަސީލަތްތަކުގެ ސަބަބުން ތަޢުލީމީ ނިޒާމަށް ކުރަނީ ނޭދެވޭ އަސަރެވެ.“ ކަމަށްވާއިރު މި ބަހުސްގައި އެފް.އެސް.އެލް އިން ބަހުސްކުރީ މައުޟޫއާ ދެކޮޅަށެވެ.
ފައިނަލަށް ދަތުރުކުރި ދެ ޓީމު މީގެ ކުރިން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައެވެ. އެ ބަހުސް ކާމިޔާބު ކުރީ އެސް.އެމް އިންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވެނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 10 ވަނަ މުބާރާތެވެ.






