ފައިނަލް ބަހުސްގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ މައްޗަށް ކުރިހޯދާ އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2023 ގެ ޗެންޕިއަންކަން ސްކޫލް އޮފް މެޑިސިން (އެސް.އެމް) އިން ހޯދައިފިއެވެ.
މޭ 14ވީ އާދީއްތަދުވަހުގެރޭ އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ ފައިނަލް ބަހުސް އެސް.އެމް އިން ކާމިޔާބު ކުރީ 716 ޕޮއިންޓާއެކު އެވެ. މި ބަހުސްގައި އެފް.އެސް.އެލް އަށް ލިބުނީ 603 ޕޮއިންޓެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ މައުޟޫއާ އެއްކޮޅަށް ވާހަކަދައްކަމުންދިޔަ އެސް.އެމްގެ އަޙްމަދު ޝާބިން އެވެ. މި ބަހުސްގެ މައުޟޫ އަކީ ”ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިންނެވެ.“ އެވެ.
މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކީ އެސް.އެމްގެ އަނޫފް ޢަބްދުﷲ ކަމަށްވާއިރު، ގަދަ 5 ބަހުސްކުރުންތެރިންގެ ތެރޭގައި ހިމެނެނީ އަނޫފްގެ އިތުރުން އެ ޓީމުގެ އަޙްމަދު ޝާބިން، މުޙައްމަދު އަޔާޝް ޢަލީ އަދި އެފް.އެސް.އެލްގެ އިސްމާޢީލް ރަޒީން ޢިމްރާން އާއި މުޙައްމަދު އައިޝް މުޞްޠަފާ އެވެ.
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދެވުނީ ފައިނަލް ބަހުސަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ ފަނޑިޔާރުންގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ ފާޠިމަތު ނައުޝީން ވަނީ ވާހަކަ ދައްކަވާފައެވެ.






