އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ މައްޗަށް ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން ކުރިހޯދައިފިއެވެ.
މޭ 15 ވީ ހޯމަދުވަހުގެރޭ ކުޅުނު މި މެޗު އެފް.އެޗް.އެސް އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 25-9 ން ފަސޭހަކަމާއެކު ކާމިޔާބު ކުރިއިރު ދެވަނަ ސެޓުން އެފް.އެޗް.އެސް މޮޅުވީ 25-15 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 1 ފާޠިމަތު ޒަޔާ އާދަމް އެވެ.
މި ޑިވިޝަނުގެ ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ސްކޫލް އޮފް މެޑިސިން (އެސް.އެމް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދާނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






