އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ގްރޫޕް އޭގެ ސްކޫލް އޮފް މެޑިސިން (އެސް.އެމް)ގެ މައްޗަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ކުރިހޯދައިފިއެވެ.
މޭ 16 ވީ އަންގާރަދުވަހުގެރޭ ކުޅުނު މި މެޗު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު 25-22 ން ކާމިޔާބު ކުރިއިރު ދެވަނަ ސެޓުން އެމް.އެން.ޔޫ.ބީ.އެސް މޮޅުވީ 25-13 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 2 ސުޙާ އަޙްމަދު ފާއިޒެވެ.
މި ޑިވިޝަނުގެ ގްރޫޕް އޭގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ރޭ ކުޅުނު ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އަދި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އެވެ. އެ ދެ ޓީމު ރޭ ކުޅުނު މެޗު ކާމިޔާބުކުރީ އެފް.އެޗް.އެސް އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދާނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






