އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ މައްޗަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކުރި ހޯދައިފިއެވެ.
މޭ 17 ވީ ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު އެފް.އީ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު އެފް.އީ އިން ކާމިޔާބުކުރީ 25-12 އިން ކަމަށްވާއިރު ދެވަނަ ސެޓު ގެންދިޔައީ 25-14 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފް.އީގެ ޖަރޒީ ނަންބަރު 11 ޙުސައިން ޝިފާނެވެ.
މި ޑިވިޝަނުގެ ގްރޫޕް އޭ ގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖި (ފެސްޓް) އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. އެ ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބު ކުރީ ފެސްޓެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






