އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަންގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ މައްޗަށް ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ކުރިހޯދައިފިއެވެ.
މެއި 18 ވީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެސް.އެން އިން ގެންދިޔައީ 25-18 އަދި 25-9 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސް.އެންގެ ޖަރޒީ ނަންބަރު 2 މަރިޔަމް ނިޝާ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






