އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ހަތަރުވަނަ މެޗުގައި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)ގެ މައްޗަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކުރިހޯދައިފިއެވެ.
މެއި 19 ވީ ހުކުރު ދުވަހު މެންދުރުފަހު ކުޅުނު މި މެޗު އެފް.އީ އިން ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-14 އިން އެފް.އީ ގެންގޮސްފައިވަނިކޮށް ފެސްޓުން ވަނީ ދެވަނަ ސެޓު 25-17 އިން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު އެފް.އީ އިން ކާމިޔާބު ކުރީ 15-12 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފް.އީގެ ޖަރޒީ ނަންބަރު 11 ޙުސައިން ޝިފާއު އެވެ.
މިވަގުތު މި ގްރޫޕްގެ އެއްވަނައިގައި އެފް.އީ އޮތީ ކުޅުނު ދެ މެޗުން ލިބުނު 5 ޕޮއިންޓާ އެކީ އެވެ. ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކު ސީ.އެފް.އެސް ކަމަށްވާއިރު 3 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ފެސްޓެވެ. ގްރޫޕްގެ ފުލުގައި އޮތް އެފް.އެޗް.ޓީ.އެސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






