އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ ހަތަރުވަނަ މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)ގެ މައްޗަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ކުރިހޯދައިފިއެވެ.
މެއި 19 ވީ ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބުކުރީ 25-17 އަދި 25-14 ގެ ނަތީޖާތަކަކުން ސީދާ ދެ ސެޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 7 ރަފްހާން އިބްރާހީމެވެ.
މި ގްރޫޕްގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން 6 ޕޮއިންޓާއެކު ސްކޫލް އޮފް ނާރސިންގ އެވެ. ގްރޫޕްގެ ދެވަނައިގައި އޮތީ އެމް.އެން.ޔޫ.ބީ.އެސް އާއި ސްކޫލް އޮފް މެޑިސިން އެވެ. މި ދެ ޓީމަށްވެސް ލިބިފައިވަނީ ކުޅުނު ދެ މެޗުން 3 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް އެފް.އެޗް.އެސް އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






