އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަންގެ ގްރޫޕް އޭގެ ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބަލިކޮށް ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 19 ވީ ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗު އެފް.އެޗް.އެސް އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-8 އަދި 25-12 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 11 ޝިރުފާ އަޙްމަދު މަނިކެވެ.
މި ނަތީޖާއާއެކު އެފް.އެޗް.އެސް އިން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






