އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ފަސްވަނަ މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ މައްޗަށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ކުރިހޯދާ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
މެއި 19 ވީ ހޮނިހިރު ދުވަހު މެންދުރުފަހު ކުޅުނު މި މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-13 އިން ސީ.އެފް.އެސް ގެންދިޔައިރު، ދެވަނަ ސެޓު 25-18 އިން ގެންދިޔައީ އެފް.އީ އިންނެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓުން ސީ.އެފް.އެސް މޮޅުވީ 15-12 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 17 އަޙްމަދު އިޝާނެވެ.
މި ނަތީޖާއާއެކު ސީ.އެފް.އެސް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ގްރޫޕް އިން ދެން ސެމީ ފައިނަލަށްދާ ޓީމެއް ކަށަވަރު ވާނީ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ބޮޑު ތަފާތަކުން މޮޅުވެ ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު ފެސްޓަށް އޮތްއިރު، އެއް ސެޓު ގެއްލުނަސް އެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ ގެއްލޭނެއެވެ. މި ގްރޫޕުން އޭރުން ސީ.އެފް.އެސްއާއެކު ސެމީ ފައިނަލަށް ދަތުރުކުރާނީ އެފް.އީ އެވެ. އެފް.އެޗް.ޓީ.އެސް އޮތީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






