އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭގެ ފަހު މެޗުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)ގެ މައްޗަށް ކުރިހޯދައި ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު) މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 19 ވީ ހޮނިހިރު ދުވަހު މެންދުރުފަހު ކުޅުނު މި މެޗު ފެސްޓު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ފެސްޓުން ގެންދިޔައީ 25-10 އަދި 25-12 އިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެސްޓުގެ ޖަރޒީ ނަންބަރު 11 ޔައީޝް ރިފްޢަތު ހަމީދެވެ.
މި ނަތީޖާއާއެކު ފެސްޓުން ވަނީ ގްރޫޕްގެ ދެވަނައިގައި ސެމީ ފައިނަލު ކަށަވަރު ކޮށްފައެވެ. މި ގްރޫޕްގެ 3 ޓީމެއް ވަނީ ޕޮއިންޓް އެއްވަރުވެ، މޮޅުވި މެޗުގެ ޢަދަދުވެސް އެއްވަރުވެ، ފައިދާ ސެޓުވެސް އެއްވަރުވެފައެވެ. ނަތީޖާ ނެރެން ޖެހުނީ ފައިދާ ޕޮއިންޓަށް ބަލައިގެންނެވެ. މިގޮތުން 37 ފައިދާ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކުރީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އެވެ. ދެވަނައިގައި އޮތް ފެސްޓަށް ލިބުނީ ފައިދާ 24 ޕޮއިންޓްކަމަށްވާއިރު، ތިންވަނައިގައި އޮތް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އަށް ލިބިފައިވަނީ ފައިދާ 22 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް އެފް.އެޗް.ޓީ.އެސް އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






