އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ ފަސްވަނަ މެޗުގައި ސްކޫލް އޮފް މެޑިސިން (އެސް.އެމް)ގެ މައްޗަށް ކުރިހޯދައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެއި 20 ވީ ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސް އިންނެވެ. މި ސެޓު އެ ޓީމުން ގެންދިޔައީ 25-17 ންނެވެ. މެޗުގެ ދެވަނަ ސެޓު 25-19 ން ކާމިޔާބު ކުރީ އެސް.އެމް ކަމަށްވާއިރު ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 15-06 ން ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސް އެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 10 އަޙްމަދު ސަމީހެވެ.
މި ނަތީޖާއާއެކު އެމް.އެން.ޔޫ.ބީ.އެސް އިން ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މި ގްރޫޕުން ދެން ސެމީ ފައިނަލުގެ ޖާގައެއް ލިބެނީ ސްކޫލް އޮފް ނާރސިންގ (އެސް.އެން) އަށެވެ. މި މެޗުން ބަލިވުމާއެކު އެސް.އެމް މުބާރާތުން ކަޓާފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ވެސް ވަނީ މުބާރާތުން ކަޓާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






