އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ ފަހު މެޗުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) ބަލިކޮށް ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ގްރޫޕްގެ އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މެއި 19 ވީ ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު އެސް.އެން އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އެސް.އެން އިން ގެންދިޔައީ 25-05 އަދި 25-21 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސް.އެންގެ ޖަރޒީ ނަންބަރު 9 މުޙައްމަދު ޙާމިދެވެ.
ސެމީ ފައިނަލުގައި އެސް.އެން ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ ދެވަނަ ޓީމު އަދި މިދިޔަ އަހަރުގެ ޗެމްޕިއަން ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)އާއެވެ. މި ޑިވިޝަންގެ އަނެއް ސެމީ ފައިނަލުގައި ބައްދަލުކުރާނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






