އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ މައްޗަށް ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން ކުރިހޯދައިފިއެވެ.
މެއި 19 ވީ ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗު އެފް.އެޗް.އެސް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެފް.އެޗް.އެސް އިން ގެންދިޔައީ 25-18، 25-17 އަދި 25-19 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 1 ފާޠިމަތު ޒަޔާ އާދަމެވެ.
މި ނަތީޖާއާއެކު އެފް.އެޗް.އެސް އިން ފައިނަލަށް ދަތުރުކޮށްފައިވާއިރު، މީގެ ކުރިން އެންމެ ފަހުން އެފް.އެޗް.އެސް ފައިނަލަށް ގޮސްފައިވަނީ 2019 ވަނަ އަހަރެވެ. އެއަހަރުގެ ފައިނަލުގައި އެ ޓީމު ބަލިވީ އެމް.އެން.ޔޫ.ބީ.އެސް ކައިރިންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






