އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލު މެޗުގައި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) ބަލިކޮށް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް) އިން ފައިނަލަށް ދަތުރު ކޮށްފިއެވެ.
މެއި 21 ވީ އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގެ ސެޓުތައް ސީ.އެފް.އެސް އިން ގެންދިޔައީ 25-19، 25-16 އަދި 25-21 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 17 އަޙްމަދު އިޝާނެވެ.
މިއީ ސީ.އެފް.އެސް އިން ޖެހިޖެހިގެން ފައިނަލަށް ދަތުރުކުރި 4 ވަނަ އަހަރެވެ. މިދިޔަ އަހަރު ފައިނަލުން އެ ޓީމު ބަލިވިއިރު، 2020 އަދި 2021 ވަނަ އަހަރު އެ ޓީމުން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






