ޝެޓްސް އަދި ސިއާ އަށް އަލަށް ގުޅުނު އިސްވާރުންނަށް ހާއްސަކޮށް، ދެ ގޮފި ގުޅީގެން ޝެޓްސް/ސިއާ ނިއު ލީޑާސް ޓްރިޕް ގެ ނަމުގައި ހާއްސަ ދަތުރެއް ގޮސްފިއެވެ. 2 ސެޕްޓެމްބަރ ވީ ހޮނިހިރު ދުވަހު ވިލިމާލެއަށް ކުރި މި ދަތުރުގައި ޝެޓްސް އަދި ސިއާގެ 40 އިސްވާރުން ވަނީ ބައިވެރިވެފައެވެ.
މި ދަތުރަކީ ދެ ގޮތްޕަށް އަލަށް ގުޅުނު އިސްވާރުންނާއި، ނިމިދިޔަ އަހަރު ތަކުން ފެށިގެން ދެގޮފީގައި ހަރަކާތްތެރިވަމުން އަންނަ އިސްވާރުންނާއި ދެ ގޮފީގެ ހިންގާކޮމެޓީގެ މެދުގައި ގުޅުން ބަދަހި ކޮށް އެއްބައިވަންތަ ކަން އާލާ ކުރުމަށް ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ.
ގިނަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެވުނު މި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވުނު އިރު ކުރިޔަށް ހުރި ހަރަކާތްތަކުގައި ޝެޓްސް އަދި ސިއާގެ ގިނަ އިސްވާރުން ބަދަހި ގުޅުމަކާއެކު ފެންނާނެކަމަށް އުއްމީދުކުރެވެއެވެ.
ޝެޓްސް އަދި ސިއާ އަށް އަލަށް ގުޅުނު އިސްވާރުންނާއެކު ދެގޮފީގެވެސް އިސްވާރުންގެ ޓީމް އިތުރަށް ވަރުގަދަވެފައިވާއިރު މި ދަތުރަކީ، ފަހުގެ ތާރީހެއްގައި ޝެޓްސް ގެ އެންމެ ގިނަ އިސްވާރުން ބައިވެރިވި ދަތުރެވެ. ޝެޓްސް އަދި ސިއާ ގުޅިގެން މި ޓަރމުގައި އިތުރު ހަރަކާތެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.





