އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023ގެ މީޑިއާ ޓީމުގެ ބައިވެރިންނަށް ބާއްވާ ދެވަނަ ތަމްރީނު ޕްރޮގްރާމު ބާއްވައިފިއެވެ.
ސެޕްޓެންބަރު 15 ވީ ބުރާސްފަތިދުވަހުގެރޭ 07:00 ން 08:00 ށް ކުރިއަށްދިޔަ މި ޕްރޮގްރާމު ނަގައިދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަދި އެޑްވައިޒަރީ ބޯޑުގެ މެންބަރު މުޙައްމަދު ޝާން ޢާމިރެވެ.
މި ޕްރޮގްރާމުގައި މީޑިއާ ޓީމުގެ ތަޢާރަފު މެންބަރުންނަށް ވަނީ ދީފައެވެ. މީގެ އިތުރުން ފޮޓޮގްރަފީގެ ބޭސިކް ބައެއް މަޢުލޫމާތު މެންބަރުންނާ ވަނީ ޙިއްސާކުރެވިފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






