ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023″ގެ ބައެއް ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސެޕްޓެންބަރު 14 ވީ ބުރާސްފަތިދުވަހު އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މިގޮތުން މުބާރާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދިރާގުކަމަށްވާއިރު މުބާރާތުގެ ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ރެސްޓޯރެންޓެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯނެވެ. މުބާރާތުގެ ސަޕޯޓިންގ ޕާޓްނަރެއްގެ ގޮތުގައި ފުޓްރަބް ބައި ރާއްޖެ ސްޕާ ހަމަޖެހިފައިވާއިރު ސްޕޮންސަރުންގެ ތެރޭގައި އެމް.ޔޫ ސްޓޯރު އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ހިމެނެއެވެ. މި ހުރިހާ ފަރާތްތަކާއެކު ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.


އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






