އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ބުދަދުވަހުގެރޭ ކުޅުނު ފިރިހެން ޑިވިޝަން ގްރޫޕް އޭގައި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) އިން ސްކޫލް އޮފް މެޑިސިން (އެސް.އެމް) ބަލިކުރިއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އަދި ކްލިކް ކޮލެޖު ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
އެމް.ބީ.އެސް އިން އެސް.އެމް ބަލިކުރީ 6 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އެމް.ބީ.އެސްގެ ޖަރޒީ ނަންބަރު 10 މުޙައްމަދު އަޖުވަދު ޞަލާޙު ވަނީ ދެ ގޯލު ޖަހާފައެވެ. އެމް.ބީ.އެސްގެ އަނެއް ގޯލުތައް ޖެހީ އެ ޓީމުގެ ޖަރޒީ ނަންބަރު 7 އައިރޫން އަޙްމަދު ރަޝީދު، ޖަރޒީ ނަންބަރު 30 ކައިސަން ބިން ޙިސާން، ޖަރޒީ ނަންބަރު 9 މުޙައްމަދު އަސީލު އަޙްމަދު އަދި ޖަރޒީ ނަންބަރު 5 ޙުސައިން ފަލާހެވެ.
މި ގްރޫޕްގެ އައި.ޔޫ.އެމް އަދި ކްލިކް ކޮލެޖު ބައްދަލުކުރި މެޗު އެއްވަރުވީ 2 – 2 ގެ ނަތީޖާއަކުންނެވެ. ކްލިކް ކޮލެޖުގެ ޖަރޒީ ނަންބަރު 35 މުޙައްމަދު ސާމިން އަދި ޖަރޒީ ނަންބަރު 7 އަޙްމަދު މަޙްފޫޒު މުޙައްމަދު ގޯލުޖަހާ 2 – 0 ގެ ލީޑެއް ނަގާފައިވަނިކޮށް މެޗުގެ 35 ވަނަ މިނިޓުގައި ކައިރި ކައިރީގައި ދެ ގޯލު ޖަހާ އައި.ޔޫ.އެމް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލުތައް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އައި.ޔޫ.އެމްގެ ޖަރޒީ ނަންބަރު 4 ނަޞްރުﷲ ޢަލީ އަދި ޖަރޒީ ނަންބަރު 9 ޙުސައިން ރިމާހެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






