އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަންގެ ގްރޫޕް އޭގެ މެޗުތައް ކާމިޔާބުކޮށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް) އާއި އެމް.އައި ކޮލެޖު ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެމް.އެން.ޔޫ.ބީ.އެސް އާއި ސައިރިކްސް ކޮލެޖު ބައްދަލުކުރި މެޗު އެމް.އެން.ޔޫ.ބީ.އެސް އިން ކާމިޔާބުކުރީ 9 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެމް.އެން.ޔޫ.ބީ.އެސްގެ ޖަރޒީ ނަންބަރު 11 ފިރުޝާނާ ނަޞީރު ވަނީ މި މެޗުގައި ހަ ގޯލު ޖަހާފައެވެ. އަދި ހަމަ އެ ޓީމުގެ ޖަރޒީ ނަންބަރު 10 ޢާއިޝަތު ރިޝްމާ ދެ ގޯލު ޖެހިއިރު، ޖަރޒީ ނަންބަރު 22 ނައުރާ ހަސަން ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. މި ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައިގައި އެމް.އެން.ޔޫ.ބީ.އެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
އެމް.އައި ކޮލެޖާއި ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ) ބައްދަލުކުރި މެޗު އެމް.އައި ކޮލެޖުން ކާމިޔާބުކުރީ 6 – 1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި އެމް.އައި ކޮލެޖުގެ ޖަރޒީ ނަންބަރު 23 އާމިނަތު އަމީޝާ ވަނީ މެޗުގައި ފަސް ގޯލު ޖަހާފައެވެ. ބާކީ ގޯލު ޖަހާފައިވަނީ އެމް.އައިގެ ޖަރޒީ ނަންބަރު 17 ފާޠިމަތު ޖަދުވާ އެވެ. އެފް.އޭގެ ގޯލު ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 10 މަރިޔަމް މާހީ މުޙައްމަދެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






