އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގެ ފިރިހެން ޑިވިޝަނުގައި ހުކުރުދުވަހުގެރޭ ކުޅުނު ގްރޫޕް ޑީގެ މެޗުތަކަށްފަހު މެޕްސް ކޮލެޖާއެކު ސްކޫލް އޮފް ނާރސިންގ (އެސް.އެން) އިން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މެޕްސް އިން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާއިރު ހުކުރުދުވަހުގެރޭ އެ ޓީމު މޮޅުވީ ސައިރިކްސް ކޮލެޖާ ވާދަކޮށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ 7 – 2 ގެ ނަތީޖާއަކުންނެވެ. މެޕްސްގެ ޖަރޒީ ނަންބަރު ޢަލީ ޝާޒު ޙިލްމީ މެޗުގައި ދެ ގޯލު ޖެހިއިރު، ޖަރޒީ ނަންބަރު 5 ޢަބްދުﷲ ހިޝާން، ޖަރޒީ ނަންބަރު 8 ޖަމްޝާދު ޖައުފަރު، ޖަރޒީ ނަންބަރު 23 އާދަމް މަންސޫރު، ޖަރޒީ ނަންބަރު 7 އިބްރާހީމް ސަހާފް އާދަމް އަދި ޖަރޒީ ނަންބަރު 12 މުޙައްމަދު ޒިޔާދު ވަނީ ގޯލުޖަހާފައެވެ. ސައިރިކްސްގެ ގޯލުތައް ޖެހީ ޖަރޒީ ނަންބަރު 7 ސާމް ޢަބްދުﷲ އަދި ޖަރޒީ ނަންބަރު 11 މުޙައްމަދު ނިޝާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ މެޕްސްގެ ޖަމްޝާދެވެ.
އެސް.އެން އިން ހުކުރުދުވަހުގެރޭ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް)އާ ކުޅުނު މެޗުވީ އެއްވަރެވެ. 2 – 2 ގެ ނަތީޖާއަކުން އެއްވަރުވި މި މެޗުގައި އެސް.އެންގެ ގޯލުތައް ޖެހީ ޖަރޒީ ނަންބަރު 7 އަދީބު ޢަލީ އަދި ޖަރޒީ ނަންބަރު 11 ނޫރު ޔޫސުފެވެ. އެފް.އެޗް.އެސްގެ ގޯލުތައް ޖެހީ ޖަރޒީ ނަންބަރު 14 މުޙައްމަދު ޖުމާން އަޙްމަދު އަދި ޖަރޒީ ނަންބަރު 17 މުޙައްމަދު ރިޝާމް ޒިރާރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަކީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 30 އައިކް ޢަބްދުﷲ ރިފާއު އެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






