އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި ހޯމަދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލު މެޗުގައި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)ގެ މައްޗަށް ހަނި ތަފާތަކުން ކުރި ހޯދާ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެފް.އެޗް.އެސް އަދި އެފް.އީ ބައްދަލުކުރި މެޗު އެފް.އެޗް.އެސް އިން ކާމިޔާބު ކުރީ 1 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނު އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 12 އާމިނަތު ޝަފާނާ ޢަލީ އެވެ.
މި ނަތީޖާއާއެކު އެފް.އެޗް.އެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވާއިރު ސެމީ ފައިނަލުގައި އެފް.އެޗް.އެސްއާ ބައްދަލުކުރާނީ އެމް.އެން.ޔޫ.ބީ.އެސް އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެރެޔެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






