”އެސް.އެމް އަގައިންސްޓް ސިންގަލް ޔޫސް ޕްލާސްޓިކް“ މި ޝިޢާރުގެ ދަށުން މެޑިކޯސްއިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިހަރަކާތް ކުރިޔަށް ގެންދެވިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 7:00ގައި ހުޅުމާލެ ފޭސް-2 ގެ ގޮނޑުދޮށް ސަރަހައްދުގައެވެ. މިހަރަކާތުގެ ތެރެއިން އެސަރަހައްދުގެ ގޮނޑުދޮށުން ބޮޑު ސަރަހައްދެއް ވަނީ ސާފުކުރެވިފައެވެ. އަދި ގިނަ އަދަދެއްގެ އެކި ބާވަތުގެ ކުނި އެސަރަހައްދުން ނެގިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ޕްލާސްޓިކު ފުޅިއާއި ދަގަނޑު ދަޅު އަދި ކަރުދާސް ތަށި ފަދަ ތަކެއްޗެވެ.
”އެސް.އެމް އަގައިންސްޓް ސިންގަލް ޔޫސް ޕްލާސްޓިކް“ މި ކެމްޕޭންއަކީ މިއަހަރުގެ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގެ ތެރޭގައި މެޑިކޯސްއިން ފެށި ކެންޕެއިންއެކެވެ. އެގޮތުން އެ މުބާރާތުގައި އެސް.އެމްގެ ޓީމުތަކުން ޕްލާސްޓިކް ފުޅި ބޭނުންކުރުން ވަނީ ހުއްޓާލައިފައެވެ. އަދި އެއަށް ފަހު އެހެން ހަރަކާތްތަކުގައި ވެސް އެއުސޫލުގެ މަތިން ދަނީ މަސައްކަތް ކުރެވެމުންނެވެ. މެޑިކޯސްގެ އަމާޒަކީ މިކެމްޕެއިން ކުރިޔަށް އޮތް ތާނގައި މިހާރަށް ވުރެ ފުޅާކޮށް ކުރިޔަށް ގެންދިޔުމެވެ.
މިހަރަކާތަކީ ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ދަރިވަރުން ހޭލުންތެރި ކުރުމަށް ހިންގޭ ހަރަކާތެކެވެ. ހަމައެއާއެކު މިފަދަ ކުނި ރައްކާތެރިކަމާއެކު ނައްތާލުމަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ. މެޑިކޯސްގެ އަމާޒަކީ މިހަރަކާތް ސިލްސިލާ ގޮތެއްގައި، މިހާރަށް ވުރެން ފުޅާކޮށް ކުރިޔަށް ގެންދިޔުމެވެ.





