ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްނަގައިގެން ކުޅުދުއްފުށި ސިޓީގައި ކުރިޔަށް ގެންދިޔަ ހަރަކާތުގައި މެޑިކޯސްގެ ދަރުމަވެރިން ބައިވެރިވެއްޖެއެވެ. މިހަރަކާތުގައި އެޗްޕީއޭގެ އިތުރުން މިޝަން ފޯރ މައިގްރޭންޓް ވޯރކާސް މޯލްޑިވްސް (އެމްއެމްޑަބްލިޔުއެމް) އަދި ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ ހިމެނޭހެން 15 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 1 ޑިސެމްބަރުން ފެށިގެން ޑިސެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑިސެމްބަރު 2 ވީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން އެރޭގެ މެންދަމު 00:00 އާއި ހަމަޔަށް ވަނީ މިހަރަކާތުގެ ތެރެއިން ކުރިޔަށް ގެންދެވުނު ފުރަތަމަ ހެލްތު ކޭމްޕް ކުރިޔަށް ގެންދެވިފައެވެ. މި ކޭމްޕްއަކީ ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދެވުނު ކޭމްޕެކެވެ. މި ކޭމްޕުގެ ތެރެއިން ބިދޭސީންގެ ހެލްތު ޗެކަޕް ހިލޭ ހެދުމުގެ ޚިދުމަތުގެ އިތުރުން ބޭސް ބޭނުންވާ ކަމަށް ޑޮކްޓަރުން ލަފާދިން ފަރާތްތަކަށް ހިލޭސާބަހަށް ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ވަނީ ދެވިފައެވެ. މި ކޭމްޕްގައި މެޑިކޯސްގެ 4 ދަރިމަވެރިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. ހަމައެފަދައިން ހޮނިހިރު ދުވަހުވެސް ވަނީ މިހަރަކާތް ކުރިޔަށް ގެންދެވިފައެވެ.
މިހަރަކާތުގެ ތެރެއިން ބިދޭސީންނަށް އެމް.އާރް ވެކްސިން ފޯރުކޮށްދިނުމުގެ ހަރަކާތެއްވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ. މިއީ ރާއްޖެއިން މީސެލްސް އަދި ރުބެއްލާ ނައްތާލުމަށް އެޗްޕީއޭ އިން ކުރާ މަސައްކަތުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް ބިދޭސީން ހިއްސާކުރާއިރު، މިހަރަކާތަކީ މި މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިއަހަރެކޭ އެއްފަދައިން މިދިޔަ އަހަރުވެސް ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ބޭއްވުނު ހަރަކާތްތަކުގައި މެޑިކޯސްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. މިހަރަކާތް އެއަހަރު ކުރިޔަށް ގެންދެވުނީ ގއ އަތޮޅުގެ 4 ރަށެއްގައެވެ.
މެޑިކޯސްގެ އަމާޒަކީ މިފަދަ ގިނަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހޯދައިދީ، އުނގެނުމުގެ ތަފާތު ތަޖުރިބާތައް ހޯދުމަށް މިހާރަށް ވުރެން ފުޅާ ދާއިރާއެއްގައި މަގުފަހިކޮށްދިނުމެވެ. އަދި މެޑިކޯސްގެ ދަރުމަވެރިންގެ މަސައްކަތަކީ މުޅި ރާއްޖެއިން ބަލައިގަންނަ މަސައްކަތަކަށް ހަދާ، ސްކޫލް އޮފް މެޑިސިން އަދި ގައުމީ ޔުނިވާސިޓީއަށް ރީތި ނަމެއް ހޯދައިދިނުމެވެ.






