ކޮންމެ ކުއްޖަކީވެސް ޙަޔާތުގައި ކުރިއަށްދާން ބޭނުންވާނެ ކުއްޖެއް ކަމަށާއި، ކާމިޔާބީގެ އަސްދަނޑިއަށް ވާޞިލުވެވޭނީ ބުރަ މަސައްކަތްކޮށްގެން ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ނައިބު ރައީސް (ގޮފިތައް) ސައިފުﷲ މުސްލިމް (ސައިފް) ވިދާޅުވެއްޖެ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ އައު ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައިފް ވިދާޅުވީ، ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށް އެތައް ކަމެއް ޤުރުބާންކުރަން ޖެހިދާނެ ކަމަށެވެ. ނަމަވެސް އެއީ ކުރިމަގަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކެންޖެހޭކަމަށް ސައިފް ވިދާޅުވިއެވެ.
”ތިޔަ މެމްބަރުން އެތަށް ކަމެއް ގުރުބާން ކުރަން ޖެހިދާނެ އަހަރަކަށް މި އަހަރު ވެދާނެ. ނަމަވެސް އެއީ ތިޔަ މެމްބަރުންގެ ކުރިއެރުމަށް އެޅޭ ފިޔަވަޅެއް“ ސައިފް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ސައިފް ވަނީ ގޮފިތަކުގެ އައު އެސް.އޯ.ޕީގެ ތަޢާރަފުކޮށް، އެންމެ ޙަރަކާތްތެރި ގޮފި ހޮވުމަށް ޕޮއިންޓުދިނުމުގެ ޚާއްސަ އުސޫލެއް އެކުލަވާލާފައިވާކަން ހާމަކުރައްވާފައެވެ. އަދި މީގެ ބޭނުމަކީ، ގޮފިތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުން ކަމަށް ސައިފް ވިދާޅުވި އެވެ.
ހަމައެހެންމެ، ގޮފިތަކުން ގިނަ ޙަރަކާތްތައް ބޭއްވުމުގެ ބަދަލުގައި ފެންވަރު ރަނގަޅު، ދަރިވަރުންނަށް އެންމެ ފައިދާކުރުވަނިވި ގޮތްތަކަށް ޙަރަކާތްތައް ބޭއްވުމަށް އިސްކަންދޭންޖެހޭކަން ސައިފް ފާހަގަކުރެއްވި އެވެ.
ގޮފިތަކުގެ މެންބަރުން ޙަވާލުވި މަސްޢޫލިއްޔަތުތަކުގެ ބުރަކަމުގެ ވާހަކަދެއްކެވުމަށްފަހު ސައިފް ވަނީ އެ މަސްޢޫލިއްޔަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ދަރިވަރުންނަށް އިރުޝާދުދެއްވާފައެވެ.
ހޯމަ ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާޙްކުރެވިގެންދިޔައިރު، ޖުމުލަ 60 ދަރިވަރަކަށް ވަނީ މަޤާމު ޙަވާލުކުރެވިފައެވެ.
މާލޭގައި އެމް.އެން.ޔޫ.އެސް.ޔޫގެ 10 ގޮފި ޙަރަކާތްތެރިވާއިރު، އަތޮޅުތެރޭ ކެމްޕަސްތަކުގައި އިތުރު 4 ގޮފި ޙަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.






