އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް 2026ގެ އެންމެ މޮޅު ފެކަލްޓީއަކަށް ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް ހޮވިއްޖެ އެވެ.
ދަ ނެކްސްޓް ލެވެލްގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ 15ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމާއި އެވޯޑުދިނުން ކުރިއަށްދިޔަ މިއަހަރުގެ އެނުއަލް ޖެނެރަލް މީޓިންގައެވެ. މި ބައްދަލުވުން އޮތީ ނޮވެންބަރު 20 ވީ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
ދަ ނެކްސްޓް ލެވެލްގެ ދެވަނަ އަށް އެންމެ މޮޅު ފެކަލްޓީ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ކަމަށްވާއިރު، ތިންވަނަ އަށް އެންމެ މޮޅު ފެކަލްޓީ އަކީ ފެކަލްޓީ އޮފް އެޑިއުކޭޝަން އެވެ. މީގެ އިތުރުން ވަކިވަކި އައިޓަމްތަކުން އެއްވަނައަށް ހޮވިފައިވަނީ ސްކޫލް އޮފް މެޑިސިންގެ ޑްރާމާ ”އޭ ނިޝާ!“ އެވެ. އަދި ދެވަނަ އަށް ހޮވިފައިވަނީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑާންސް ”މޭކް ސަމް ނޮއިސް ފޯ ދަ ދޭސީ ބޯއިޒް“ އެވެ. ތިންވަނަ އަށް ހޮވިފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޑްރާމާ ”ފަތްމިނި“ އެވެ. މީގެ އިތުރުން ހަތަރުވަނަ އަށް ހޮވިފައިވަނީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑާންސް ”ބެކް ޓު ދަ ބީޓް“ އަދި ފަސްވަނަ އަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގެ ޑާންސް ”ނޭނގި ހިތް ކަތިލީ“ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް އަކީ 2019 ވަނަ އަހަރު ތަޢާރަފުކުރެވުނު ހަރަކާތެކެވެ. މި ހަރަކާތުގެ މަގްސަދަކީ އެމް.އެން.ޔޫގައި ކިޔަވާ ދަރިވަރުންގެ ހުނަރު ދައްކުވައިދިނުމަށް މަންސައެއް ފޯރުކޮށްދިނުމެވެ.






