ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ދެވަނައަށް އެންމެ މަތީ ޝަރަފު، މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު ފަސް ފަރާތަކަށް އަރުވައިފިއެވެ.
މި އިނާމު އަރުވާފައިވަނީ އދ.މާމިގިލި، ބޮކަރުމާވިލާ މުޙައްމަދު ޝައިހާން އިބްރާހިމް، ގދ.ރަތަފަންދޫ، މޯނިންގސަން މުޙައްމަދު ނާބިތު އަޙްމަދު، ށ.މިލަންދޫ، ސަފާ ޑރ.ސައިފުﷲ މުސްލިމް، ގދ.ރަތަފަންދޫ، ސަވޭރާ މާޒިން މުޙައްމަދު އަދި މ.ދިއްގަރު، އެވަލާސްޓް އިސްމާޢިލް ރަޒީން އިމްރާނަށެވެ. މި އިނާމުތައް އަރުވާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ 15ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ހަފްލާއެއްގައެވެ.
މި އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު އެކި ރޮނގުން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް އެރުވޭ ޝަރަފުގެ އިނާމެކެވެ. މި އިނާމު ތަޢާރަފުކުރެވުނީ 2018ވަނަ އަހަރެވެ. މި އިނާމު ދެވިގެންދަނީ ދަރިވަރުންގެ ޔޫނިއަންގެ ލީޑަރސް ގްރޫޕްގައި މަސައްކަތްކުރި ދަރިވަރެއްކަމުގައިވާ ހދ. ކުޅުދުއްފުށީ އަރުޝީ އަލް މަރްޙޫމް އަޙްމަދު ޢަބްދުﷲ ނަޞީރުގެ ހަނދާނުގައިދެވޭ އިނާމެކެވެ.






