ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ހޯމަ ދުވަހުގެރޭ އެމް.އެން.ޔޫ ސީއޭ އޮޑިޓޯރިއަމްގައި ބޭއްވި މިރަސްމިއްޔާތުގައި ޔުނިވާސިޓީގެ މެނޭޖްމަންޓުގެ އިތުރުން، ޔޫނިއަންގެ ހިންގާ ކޮމިޓީ އަދި ކުރީގެ ރައީސުންނާ ހިންގާ ކޮމިޓީތަކުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެފައިވެއެވެ. ހަމައެހެންމެ ޔޫނިއަންގެ އިސްވާރުންގެ ތެރެއިން ގިނަ އަދަދެއްގެ އިސްވާރުން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މިރަސްމިއްޔާތުގެ ތެރެއިން ރަސްމިއްޔާތުގެ ހުރިހާ ބައިވެރިންނާއެކު 14 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ހަރަކާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުން ރަސްމިއްޔާތުގެ ހުރިހާ ބައިވެރިންގެ ޝަރަފުގައި ތައްޔާރުކުރެވުނު ބިލަތް މީރުކޮށްލެއްވުމަކަށް އިންސާފުކުރުންވެސް ވަނީ ކުރިޔަށް ގެންދެވިފައެވެ.
މިރަސްމިއްޔާތު ހާއްސަ ވެގެން ދިޔަ އެއް ސަބަބަކީ އެކިއެކި ހަރަކާތްތަކުގައި އެމް.އެން.ޔޫ އަދި ޔޫނިއަން ތަމްސީލުކޮށް، ރީތިނަމާއި ޝަރަފް ހޯދައިދިން ދަރިވަރުންގެ އަގު ވަޒަންކުރުން މިރަސްމިއްޔާތުގެ ތެރެއިން ކުރިޔަށް ގެންދެވުމެވެ. އެގޮތުން ރާއްޖޭ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ބައިވެރިވެ ގިނަ މެޑަލްތަކެއް ހޯދި އެމް.އެން.ޔޫގެ ޓީމާއި، ބީސީސީ ބޮޑުބެރު އަދި ސަގާފީ ޗެލެންޖުގައި ބައިވެރިވި ޓީމުތަކާ، އައި.ޔޫ.އެމް.އެސް.ޔޫ އިންޓަރ ކޮލެޖް ބީޗް ހޭންޑްބޯލް ފިއެސްޓާގައި ބައިވެރިވެ ޗެމްޕިއަންކަން ހޯދި އަންހެން ޓީމް، އަދި ރަނަރ-އަޕް މަގާމު ހާސިލުކުރި ފިރިހެން ޓީމުގެ އަގުވަޒަންކޮށް މިރަސްމިއްޔާތުގައި ޔޫނިއަންގެ ފަރާތުން ހަނދާނީ ލިޔުން ދީފައިވެއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރިއެއްގެ ގޮތުން އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ.ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ ދަރިވަރުންނާ މުހާތަބުކޮށް، ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިން ދަނީ ކޮންމެ އަހަރަކުވެސް މިފަދަ ކުލަގަދަ ގޮތަކަށް އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދަމުންނެވެ.






