’މެޑިކޯސް ނައިޓް 2023‘ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި އަހަރުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭ ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައެވެ. މިހަރަކާތަކީ ވޭތުވެދިޔަ 2023 ވަނަ އަހަރު، މެޑިކޯސްއިން ހިންގި ހަރަކާތްތަކުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި މިހަފްލާގައި ސްކޫލް އޮފް މެޑިސިންގެ ޑީން، ޑރ.ޝީޒާ ޢަލީގެ އިތުރުން، ފެކަލްޓީގެ ލެކްޗަރާއިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެމްބަރުންގެ އިތުރުން، ސްކޫލް އޮފް މެޑިސިންގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި މެޑިކޯސްގެ ރައީސާ އަލްފާޟިލާ ފާޠިމަތު މާހާ އާދިލް ހަފްލާގެ ބައިވެރިންނާ މުޚާތަބު ކުރައްވާފައިވެއެވެ. މާހާގެ ވާހަކަފުޅުގައި ވަނީ ވޭތުވެ ދިޔަ އަހަރު މެޑިކޯސްއަށް ހޯދިފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވައި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންނަށާއި އެކި ގޮތްގޮތުން މެޑިކޯސްއަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
މެޑިކޯސްގެ ރައީސާގެ އިތުރުން އެމްއެންޔޫއެސްޔޫގެ ކުރީގެ ރައީސް އަލްފާޟިލް އަރުޝަދް އަޝްރަފް އާއި އެމްއެންޔޫއެސްޔޫގެ މިހާރުގެ ނައިބުރައީސް (ގޮފިތައް) އަލްފާޟިލް ސައިފުﷲ މުސްލިމް އާއި ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ.ޝީޒާ ވެސް ވަނީ ޖަލްސާގެ ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ފެކަލްޓީގެ ޑީން ޑރ.ޝީޒާގެ ވާހަކަފުޅުގައި، ދަރިވަރުންގެ މަސައްކަތަށް ތަޢުރީފުކުރަށްވާ، މިހާރަށްވުރެ ބޮޑަށް މެޑިކޯސްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހިތްވަރުދެއްވާފައި ވެއެވެ.
މެޑިކޯސްއިން ފާއިތުވެ ދިޔަ އަހަރު ހޯދިފައިވާ ކާމިޔާބީތައް ފާހަގަކޮށް ތައްޔާރުކުރެވިފައިވާ ރިޕޯޓެއްވެސް މި ހަފްލާގައި ފެނިގެންދިޔައެވެ. މި ރިޕޯޓުގައި ވޭތުވެދިޔަ 2023 ވަނަ އަހަރު މެޑިކޯސްއިން ހިންގި ހަރަކާތްތަކުގެ މައުލޫމާތު ވަރަށް ތަފްސީލީ ގޮތެއްގައި ވަނީ ބައިވެރިންނާ ހިއްސާ ކުރެވިފައެވެ. ހަމައެހެންމެ، ވޭތުވެދިޔަ އަހަރު އެންމެ ހަރަކާތްތެރި 20 ދަރުމަވެރިން ހޮވާ، ހަނދާނީ ލިޔުން ދެވިފައިވެއެވެ.
އަދި މީގެ އިތުރުން ސްކޫލް އޮފް މެޑިސިންއާ މިއަހަރު އަލަށް ގުޅުނު ހަތްވަނަ ބެޗްގެ ދަރިވަރުންގެ ޚާއްސަ އައިޓަމެއް މިހަފްލާގައި ހުށަހެޅިފައިވެއެވެ. ޙަފްލާއަށް ފަހު އެންމެހާ ޝަރަފްވެރިންނާއި، ހަފްލާގެ އެންމެހާ ހާޒިރީންގެ ޝަރަފުގައި ޚާއްސަ ފަރިއްކޮޅެއްވަނީ ބޭއްވިފައެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ މެދުގައި އެކިއެކި ކުޅިވަރު ހަރަކާތްތައް ބޭއްވި، އެހަރަކާތްތަކުން ކާމިޔާބު ހޯދި ދަރިވަރުންނަށް އިނާމު ދެވިފައިވެއެވެ. މެޑިކޯސް ނައިޓްއަކީ ކޮންމެ އަހަރަކުވެސް ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ހަރަކާތެކެވެ.






