ކޮންމެ މަޤާމަކާއެކުވެސް ޒިންމާއެއްވާކަން ހަނދާންކުރަންޖެހޭކަމަށް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 10 ވަނަ އަދި 11 ވަނަ ދައުރުގެ ރައީސް ހުސައިން ޒައިދު ވިދާޅުވެއްޖެ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ އައު ހިންގާ ކޮމެޓީ އިފްތިތާޙްކުރުމަށް ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒައިދު ވިދާޅުވީ، ކޮންމެ މެންބަރަކުވެސް އެ މެންބަރަކާ ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ މަސައްކަތްކުރަން ޖެހޭނެކަމަށެވެ.
މީގެއިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތު މައްސަލަތައް ޖެހޭނެކަމަށާއި، ވާހަކަ ދައްކައިގެން ޙައްލުކުރަން މަސައްކަތްކުރަންޖެހޭނެކަމަށްވެސް ޒައިދު ވިދާޅުވި އެވެ.
އަލަށް މަޤާމުތަކާ ޙަވާލުވި ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޒައިދު ވިދާޅުވީ، ގޮފިތަކުގައި މަސައްކަތްކުރާއިރު އެންމެ މުހިންމު އެއްކަމަކީ ޓީމް ވޯކް ކަމަށާއި، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން ޔޫނިއަން އާއި ޔުނިވަރސިޓީގެ ކުރިއެރުމަށް މަސައްކަތްކުރަން ވާނެކަމަށެވެ.
ގޮފިތަކުގެ މެދުގައި ވާދަވެރިކަންވެސް އޮންނަންޖެހޭނެ ކަމަށާއި ނަމަވެސް މި ވާދަވެރިކަމަކީ ”ހެލްތީ ކޮމްޕެޓިޝަން“އަކަށް ވާންޖެހޭނެކަމަށްވެސް ޒައިދު ވިދާޅުވި އެވެ.
”ގޮފިތަކުގެ މެދުގައި އޮންނަ ވާދަވެރިކަން މިހާރަށްވުރެވެސް ބޮޑަށް އިތުރުކުރަންޖެހޭ. ނަމަވެސް މި ވާދަވެރިކަން ވާންވާނީ ރަނގަޅު ވާދަވެރިކަމަކަށް“ ޒައިދު ފާހަގަކުރެއްވި އެވެ.
ހޯމަ ދުވަހުގެރޭ އެމް.އެން.ޔޫ.އެސް.ޔޫގެ މާލޭ ކެމްޕަސްތަކުގެ ގޮފިތައް އިފްތިތާޙްކުރެވިގެންދިޔައިރު، ޖުމުލަ 60 ދަރިވަރަކަށް ވަނީ މަޤާމު ޙަވާލުކުރެވިފައެވެ.
މާލޭގައި އެމް.އެން.ޔޫ.އެސް.ޔޫގެ 10 ގޮފި ޙަރަކާތްތެރިވާއިރު، އަތޮޅުތެރޭ ކެމްޕަސްތަކުގައި އިތުރު 4 ގޮފި ޙަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.






