ސްކޫލް އޮފް މެޑިސިންގެ ގޮފި މެޑިކޯސްގެ ބައިވެރިވުމާއެކު މިޝަން ފޯރ މައިގްރެންޓް ވޯރކާސް މޯލްޑިވްސް (އެމް.އެމް.ޑަބްލިޔު.އެމް) އިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހެލްތު ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހެލްތު ކޭމްޕް ކުރިޔަށް ގެންދެވިފައިވަނީ 1 މާރޗް ވީ ހުކުރު ދުވަހުގެ 15:00 އިން 18:00 އަށް އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި ކޭމްޕަކީ ރާއްޖޭގައި ދިރިއުޅޭ އަންހެން ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ބޭއްވި ކޭމްޕެކެވެ.
މި ކޭމްޕް އަކީ ވަރަށް ގިނަ ފަރާތްތަކެއް ގުޅިގެން ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. އޭގެ ތެރޭގައި، ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)، ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރ އަދި ފެމިލީ ޕްރޮޓެކްޝަން އެޖެންސީ ފާހަގަ ކޮށްލެވެއެވެ. މި ހަރަކާތުގެ ތެރެއިން މުޅިން ހިލޭ ހެލްތު ސްކްރީންކޮށް ޑޮކްޓަރަށް ދެއްކުމާއި، ވެކްސިން ޖަހައިދިނުމާއި، ގާނޫނީ ލަފާ ދިނުމާއި، ބިދޭސީންނަށް ކޮންމެހެން ބޭނުންވާ އެކިއެކި މައުލޫމާތު ދިނުމާއި، އަންހެނުންނަށް ޚާއްސަ އެކިއެކި ހަދިޔާތަށް ދިނުން ފަދަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.
މިހަރަކާތުގައި މެޑިކޯސްގެ ފަރާތުން ޖުމްލަ 9 ދަރުމަވެރިޔަކު ވަނީ ބައިވެރިވެފައެވެ. އަދި މި ބައިވެރިން ވަނީ، ބިދޭސީންގެ ރަޖިސްޓްރޭޝަން އާއި، ހެލްތު ޗެކަޕް ހެދުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ. ހަމައެހެންމެ މިހަރަކާތުގެ ތައްޔާރީތަކުން ފެށިގެން ހަރަކާތް ނިމުމާ ހަމައަށް އެކިއެކި ކަންކަމުގައި މެޑިކޯސްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިހަރަކާތުގައި ޖުމްލަ 73 ބިދޭސީއަކު ވަނީ ސްކްރީން ކުރެވިފައެވެ. މިއީ ކޮންމެ އަހަރަކުވެސް އެމް.އެމް.ޑަބްލިޔު.އެމް އިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބިދޭސީ އަންހެން މަސައްކަތްތެރިންނަށް އަމާޒުކޮށް ހިންގާ ހަރަކާތެކެވެ.
އެމް.އެމް.ޑަބްލިޔު.އެމް އަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގުސަދުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ހަރަކާތްތެރިވާން ފެށި ފުރަތަމަ ޖަމިއްޔާއެވެ. އެމް.އެމް.ޑަބްލިޔު.އެމްގެ ފަރާތުން ދަނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެމް.އެމް.ޑަބްލިޔު.އެމް އާއި މެޑިކޯސް އެކުގައި މަސައްކަތްކުރަން ފެށިފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ދެފަރާތް ގުޅިގެން ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ.






