މެޑިކޯސް ނޫރުލް ޤުރްއާން ކްލާސް 1445ގެ ނަމުގައި މެޑިކޯސްއިން އިސްނަގައިގެން ޤައުމީ ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޤުރްއާން ކްލާހުގެ ސެޝަންތަކަށް ބައިވެެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
މިކިލާސްތަކުގައި ވަނީ އެމް.އެން.ޔޫގެ އެކި ފެކަލްޓީތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައެވެ. ކިލާސްތަކުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނުގައި އެތަކެއް ކާމިޔާބީތަކެއް ހޯއްދަވާފައިވާ މަޝްހޫރު، ޒުވާން ޤާރީންނެވެ. އެގޮތުން މިއަދާ ހަމަޔަށް ކުރިޔަށް ގެންދެވުނު ކިލާސްތަކުގައި އަލްޤާރީ މުޙައްމަދު ސާއީ މުބާރަކު އަދި އަލްޤާރީ ޔަޢީޝް މުޙައްމަދު ނިޔާޒް ވަނީ ދަރިވަރުންނަށް ކިލާސްތަށް ނަންގަވާ ދެއްވާފައެވެ.


މިކިލާސްތަކުގެ ތެރެއިން ބައިވެރިންނަށް ވަނީ އަގުހުރި ފިލާވަޅުތަކެއް ލިބިގެން ގޮސްފައެވެ. މިގޮތުން ޤުރްއާން ކިޔެވުމުގައި ތަޖްވީދާއި މަޚްރަޖަށް ސަމާލުކަން ދިނުމުގެ އިތުރުން އަޑު ގެންގުޅުމުގައި ސަމާލުކަންދޭންވީ މުހިންމު ބައެއް ކަންކަން ވަނީ ޤުރްއާން ކްލާހުގެ ބައިވެރިންނަށް ޤާރީން ދަސްކޮށްދެއްވާފައެވެ.
ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތިދުވަހުގެ ރެޔާއި ހޮނިހިރުދުވަހުގެ ރޭ، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކިލާސްތަކުގައި އެކި ޤާރީންގެ އެހީތެރިކަން ބައިވެރިންނަށް ލިބިގެން ދާނެއެވެ. މިކިލާސް ތަކުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާން އަޑުއެހުމާއި ކިޔެވުމަށް ޝައުޤުވެރިކަން އުފެއްދުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ކިޔަވަން ފަރިތަކޮށްދިނުމެވެ.





